ނަޝީދު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

ނަޝީދު އެމްޑީޕީއަށް ހުށަހަޅުއްވާ ހައްލު: ރައީސް ސޯލިހާ ދުރުވެ، މުއިއްޒާ އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސަކަށް ހުންނަވާނީ މުއިއްޒު ކަމަށް ނަޝީދު ވިދާޅުވި
10 ސެޕްޓެމްބަރު 2023

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރަން ނުކުތް ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީން، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދުރުވެ، އިދިިކޮޅު ޕީޕީއެމްއާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން، އެމްޑީޕީގެ ކުރީގެ ރައީސް އަދި މި އިންތިހާބުން ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސް ޕާޓީގެ ބާނީ މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހަށް 85،989 ވޯޓު ނުވަތަ %39އާ އެކު ލިބިވަޑައިގެންނެވީ ދެ ވަނަ އެވެ. އެއް ވަނައަށް ދަތުރުކުރެއްވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަަށް 100،000އަށް ވުރެ ގިނަ ވޯޓާ އެކު %46 ލިބިވަޑައިގެންނެވި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،539 ވޯޓު ނުވަތަ %7.07އާ އެކު ތިން ވަނަ އެވެ.

ތަފްސީލް - ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސޯލިހާ ފެއަށް ޖެހުމަށް އެމްޑީޕީން ވަރަށް ސީރިޔަސްކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމްއާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ނަޝީދު ވަނީ އެމްޑީޕީއަށް ގޮވާލާފަ އެވެ.

އެކަން ކުރެވޭނެ ކަމަށް ނަޝީދު ހުށަހެޅުއްވި ގޮތަކީ:

  • 1-

    އެމްޑީޕީން ރައީސް ސޯލިހަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ނިންމޭނެ

  • 2-

    ހުރިހާ ޕާޓީއަކާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެެއް އެކުލަވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ނިންމޭނެ

"ރައީސަކަށް ހުންނަވާނީ ޑރ. މުއިއްޒު،" ނަޝީދު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ޕީޕީއެމްއާ ގުޅިގެން އެމްޑީޕީން މަސައްކަތް ކުރަން ރައީސް ނަޝީދު ގޮވާލެއްވި އިރު، ހަރުކަށި ފިކުރަށް މި ފަސް އަހަރަށް ވުރެ ބޮޑަށް އިތުރަށް ޖާގަ ދޭނެ ބަޔަކު ދެން އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ މަނިކުފާނުގެ ރުހުން، ނުސީދާކޮށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް